ބޮލީވުޑްގައި މަގްބޫލުކަން ހޯދަމުން އަންނަ ތަރި ޕަރިނިތީ ޗޯޕްރާ ވިހައިފިއެވެ.
ޕަރިނިތީ އާއި ފިރިމީހާ ރާގަވް ޗައްދާއަށް ފިރިހެން ދަރިއަކު ލިބިފައިވާކަން އިއުލާންކޮށްފައި ވަނީ ރާގަވްއެވެ. ޕަރިނީތީ ވިހާފައި ވަނީ މިއަދު ކަމަށް ބުނެފައިވެއެވެ.
އިންސްޓަގްރާމް އެކައުންޓުގައި އެ ދެމަފިިރިންނަށް އަލަތު ދަރިފުޅު ލިބުނު ކަން އިއުލާނުކޮށް ރާގަވް ނޯޓެއް ހިއްސާކޮށް ބުނީ މީގެ ކުރީގައި ތިބީ އެ ދެމީހުން އެކަނި ކަމަށާއި ނަމަވެސް މިހާރު އެމީހުންގެ ދިރިއުޅުމުގެ ހުރިހާ އެއްޗެއް ހަމަވީ ކަމަށެވެ.
މި ދެމީހުންނަށް ދަރިއަކު ލިބެން އުޅޭ ކަން ހާމަ ކޮށްފައިވަނީ މި އަހަރުގެ އޯގަސްޓް މަހުގައެވެ.
2023 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ނިއުދިއްލީގައި ބޭއްވި ހަފްލާއެއްގައި ދެ ލޯބިވެރިން އެންގޭޖްވިއިރު، ކުލަ ގަދަ ހަފްލާއެއް ބޭއްވުމަށްފަހު ޕަރްނިތީ އާއި ރާގަވް ކައިވެނި ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އުދެއިޕޫރުގައި ހުންނަ ދަ ލީލާ ޕެލެސް ހޮޓަލުގައެވެ.
ޕަރިނީތީ ބޮލީވުޑަށް ތައާރަފުވީ 2011 ވަނަ އަހަރު ނެރުނު ރޮމޭންޓިކް ކޮމެޑީ "ލޭޑީސް ވާސަސް ރިކީ ބަހްލް" އިންނެވެ. އެ ފިލްމްގައި ރަންވީރު ސިންގް އާއި އަނުޝްކާ ޝަރުމާ އެކުގައި ފެނިގެން ދެއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސޫރަޖް ބަރްޖަތިޔާގެ "އުންޗައި" އިންނެވެ.
ރަގަވްއަކީ ސިޔާސީ ބޭފުޅެކެވެ. އޭނާއަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.